ގާސިމްވެސް ވޯޓު ދެއްވީ ޒަހާ ޒިންމާ އަދާނުކުރެއްވި ރިޕޯޓު އަނބުރާ ފޮނުވާލުމާއި ދެކޮޅަށް!

ޒަހާ ޒިންމާ އަދާ ނުކުރެއްވި ކަމަށް ގަވާއިދު ކޮމެޓީން ބުނެފައިވާ ރިޕޯޓު އަނބުރާ ކޮމެޓީ އަށް ފޮނުވުމާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރުން --

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބުނެފައިވާ ދުވަހަށް ހެދިފައި ނުވާތީ ފިޝަރީޒް މިނިސްޓްރީ ގާނޫނާއި ހިލާފުވެއްޖެ ކަމަށް ގަވާއިދު ކޮމެޓީން ކަނޑައެޅި ރިޕޯޓް މަޖިލީހުން ފާސްނުކޮށް، އަނބުރާ ކޮމެޓީއަށް ފޮނުވާލުމާއި ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ތިން މެންބަރަކު ވޯޓު ދެއްވައިފިއެވެ.

އެ ރިޕޯޓް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައި ވަނީ ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ މައިޕާޓީގެ ދެ މެންބަރުންނާއި ސަރުކާރު ކޯލިޝަންގެ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.

އެގޮތުން އެ ރިޕޯޓު އަނބުރާ ފޮނުވާލުމާއި ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ ދެ މެންބަރުންނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ. މި ދެ ބޭފުޅުންނަކީ ވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ގަވާއިދު ކޮމެޓީން ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޒަހާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ދެ މެންބަރުންނެވެ. ހާއްސަކޮށް މެންބަރު ރާއީ ވަނީ ޒަހާ އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ގަވާއިދު ކޮމެޓީގެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލުމާއި ދެކޮޅަށް ވޯޓު ދެއްވި ސަރުކާރު ކޯލިޝަންގެ މެންބަރަކީ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއެވެ. މި ވޯޓަކީ ދޮޅުމަހެއްހާ ދުވަހު މަޖިލީހުގެ އެއްވެސް ޖަލްސާ އަކަށް ވަޑައިނުގަންނަވާ ހުންނެވުމަށްފަހު ގާސިމް ވަޑައިގެންނެވި ފުރަތަމަ ޖަލްސާވެސްމެއެވެ.

ކޮމެޓީ އަށް އަނބުރާ ރިޕޯޓު ފޮނުވާލި މައިގަނޑު ސަބަބަކީ ޒަހާގެ ފަރާތުން މަޖިލީހަށް ލިބިފައިވާ ސިޓީއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަންޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މުލަކު ދާއިރާގެ މެމްބަރު އިބްރާހިިމް ނަސީރު ހުށަހެޅުއްވީ ކޮމެޓީގެ ރިޕޯޓް އިތުރަށް ދިރާސާ ކުރަން އަލުން އެ ކޮމެޓީއަށް ފޮނުވާލުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.