އިދިކޮޅުގެ ތުހުމަތު: ޝިޔާމަށް އަނިޔާކުރީ މަޖިލީހުގެ ރައީސްގެ އެންގެވުމަށް

ޝިޔާމް (ކ)އަށް އަނިޔާވެ ވެއްޓިފައި، އަދި މަޖިލީހުގެ ރައީސް (ވ)

ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން، އޭނާ ތަޅުމުން ބޭރު ކުރުމުގެ ތެރޭގައި އަނިޔާކޮށްފައިވާ ކަމަށާއި އެކަން ކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މަޖިލީހުގައި މިރޭ ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝިޔާމްގެ ނަން އިއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން ނިޒާމާ ބެހޭ މައްސަލައެއް ޝިޔާމް ނެންގެވުމުން އެ މައްސަލައަށް ފުރުސަތު ދެއްވުމެއް ނެތި މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުގެ ރިޔާސަތުން ވަގުތުން ނަން އިއްވެވި ކަމަށެވެ.

"...ވަގުތުން ނަން އިއްވައި އަދި މަޖިލީހުން ނެރުމަށާއި އަދި އެމަނިކުފާނު ގައިގައި ތަޅާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އަޑު އެއްސެވިކަމަށް އެތަނުގައި ތިއްބެވި މެމްބަރުން ވެސް ހެކިވެއެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެެއެވެ.

ޝިޔާމަށްކޮށްފައިވާ އަނިޔާތަކުގެ ސީރިއަސްކަމުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މަޖިލީހުގައި މިރޭ ދަންވަރު ހިނގި ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

ކޮވިޑް19ގެ ނުރައްކާތެރި ހާލަތުގައި ގައިދުރުކަން އިސްކުރުމަށް އަންގާފައި ވަނިކޮށް، މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.