74 މެންބަރުންގެ ވޯޓުން ގާނޫނުއަސާސީ އިސްލާހު ކުރަން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހަޅުއްވާފައިވާ އެ އިސްލާހު ފާސްވީ 74 މެންބަރުންގެ ވޯޓުންނެވެ. ގާނޫނުއަސާސީ އަށް ވޯޓަށް އަހާ ނިމުނުއިރު ގަޑިން ވަނީ މެންދަމު 2:45 ވެފައެވެ.

މި ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރެއް ބައިވެރިވެފައެއް ނުވެއެވެ. ވޯޓަށް އެހުމުގެ ގޮތުން ބޭއްވި ޖަލްސާ ފެއްޓެވި ތަނުން މަޖިލީހުގެ ރިޔާސަތުން ވަނީ އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާފައެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ. ޝިޔާމް މަޖިލީހުން ނެރުނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. ޝިޔާމް ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި އޭނާއަށް ހާނިކަވެފައިވެއެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރީ މުޅި މަޖިލީހުގެ ކޮމެޓީއަކުންނެވެ. އެ ކޮމެޓީ ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.

ކޮމެޓީން މި އިސްލާހު ފާސްކުރިއިރު ދެ އިސްލާހެއް ބިލެއް ވަނީ ހުށަހަޅާފައެވެ. މި ދެ އިސްލާހު ވެސް ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭގެތެރެއިން އެއް އިސްލާހުގައި ބުނެފައި މި މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު ދަންމާލާ އަންނަ އަހަރު އާ ކައުންސިލެއް އިންތިހާބު ކުރުމާއި ޖެހެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށާއި ނަމަވެސް އެ ކައުންސިލަރުން މަގާމުގައި ތިބޭއިރު އަމަލުކުރާނެ އިންތިގާލީ ކަންތައްތަކެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ ކަމަށެވެ.

މި ބިލަށް ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއްވެސް ވަނީ ހޯދާފައެވެ. އެ ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދާފައި ވަނީ މި ބިލާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *