ޖަބީރުގެ ބަހުގެ ހަމަލާ ޒަހާއަށް: ރިޒުގަށް ހުރަސް އަޅާ ވަޒީރުން ބޭނުމެއް ނޫން!

މިނިސްޓަރު ޒަހާ (ވ) އަދި މެމްބަރު ޖާބިރު

ރިޒުގަށް ހުރަސް އަޅާ ވަޒީރުން ބޭނުންނުވާ ކަމަށް ވިދާޅުވެ، ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ހެދިފައި ނުވާތީ ގަވާއިދު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މިނިސްޓަރު ޒަހާ މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މަސްވެރިންނަށް އަޅާނުލެވޭ ކަމަށާއި އެހެންކަމުން އެ މިނިސްޓްރީ ޑިޕާޓްމަންޓަކަށް ބަދަލު ކުރަންޖެހޭ ކަމަށެވެ.

"އެކަހަލަ ވަޒީރުން ތިބީމަ ވަރަށް އުނދަގޫވާނެ. އަޅުގަނޑުމެން ގައުމުގައި މަސްބޭނޭ ކަހަލަ ވަޒީރުން ތިބެންވީ. މަސްވެރިކަމަށް ރިޒުގު ގެންނަ ކަހަލަ ވަޒީރުން ގެންނަންވީ. ރިޒުގަށް ހުރަސް އަޅާކަހަލަ ވަޒީރުން ތިބެގެން ނުވާނެ. އެއީ ވަރަށް ދެރަ ކަމެއް،" ޖާބިރު ވިދާޅުވިއެވެ.

ޒަހާގެ އިސްތިއުފާއަށް ޖާބިރު ގޮވާލެއްވިއިރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންތަކެއް ވެސް ވަނީ އެކަމަނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ އެކަމަނާގެ އިސްތިއުފާއަށް މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުގައި ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *