ޒަހާގެ އިހުމާލު ފެންމަތިވި ރިޕޯޓް ފާސްނުކޮށް، އަނބުރާ ފޮނުވާލައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބުނެފައިވާ ދުވަހަށް ހެދިފައި ނުވާތީ ފިޝަރީޒް މިނިސްޓްރީ ގާނޫނާއި ހިލާފުވެއްޖެ ކަމަށް ގަވާއިދު ކޮމެޓީން ކަނޑައެޅި ރިޕޯޓް މަޖިލީހުން ފާސްނުކޮށް، އަނބުރާ ކޮމެޓީއަށް ފޮނުވާލައިފިއެވެ.

އެ ރިޕޯޓް އަނބުރާ ކޮމެޓީއަށް ފޮނުވާލާފައި ވަނީ މިރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީ އަށް އަނބުރާ ރިޕޯޓު ފޮނުވާލި މައިގަނޑު ސަބަބަކީ ޒަހާގެ ފަރާތުން މަޖިލީހަށް ލިބިފައިވާ ސިޓީއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަންޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މުލަކު ދާއިރާގެ މެމްބަރު އިބްރާހިިމް ނަސީރު ހުށަހެޅުއްވީ ކޮމެޓީގެ ރިޕޯޓް އިތުރަށް ދިރާސާ ކުރަން އަލުން އެ ކޮމެޓީއަށް ފޮނުވާލުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ އެއީ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަންވާނެ ކަމަށެވެ.

އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީއާ މަސްވެރިކަމުގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ނުކުރުމުގެ ސަބަބުން އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުން މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމުގެ ސަބަބުން އެ މިނިސްޓްރީ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށާއި ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.