ދޮޅު މަހަކަށްފަހު ޤާސިމް މަޖިލީހަށް: ފުރަތަމަ ހަމަލާ ވެސް ޕީޕީއެމަށް

މިރޭގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގާސިމް ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ޖަލްސާތަކަށް ދޮޅު މަހަށްވުރެ ގިނަ ދުވަހު ވަޑައިގެން ނުގަންނަވާ ހުންނެވުމަށްފަހު ވަޑައިގެންނެވި ފުރަތަމަ ޖަލްސާގައިވެސް މާމިގިލީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ޕީޕީއެމްގެ މެންބަރުންނަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭ ޖަލްސާއެއް 11:30ގައި ވަނީ ބާއްވާފައެވެ. އެ ޖަލްސާއަކީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އެ މިނިސްޓްރީގެ އިސްވެރިން ޒިންމާ އަދާ ނުކުރައްވާ ކަމަށް ގަވާއިދު ކޮމެޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރުމަށް ބޭއްވި ޖަލްސާއެކެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. ތާރިގު ވަނީ މިހާތަނަށް މަޖިލީހާއި ސަރުކާރުންވެސް މަސްވެރިންނަށް އެތަކެއް ވައުދުތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ ތިން ދުވަސް ކުރިން ފިޝަރީޒް މިނިސްޓަރު ޒަިންމާ އަދާ ނުކުރައްވާ ކަމާއި އެކަމަނާ ކަންފަސޭހަ ކުރައްވާ ކަމަށް ވިދާޅުވި އެމްޑީޕީގެ މެންބަރުން މަޖިލީހަށް ފިޝަރީޒް މިނިސްޓަރު ސިޓީއެއް ހަމަ ފޮނުއްވުމާއި އެކުގައި މައިތިރިވެ އިސްތިއުފާ އަށް ގޮވުންވެސް ކެނޑިއްޖެ ކަމަށް ތާޜިގު ވިދާޅުވިއެވެ.

އޭނާ ވަނީ މިހުރިހާ ކަމެއްވެސް ވެގެން ދަނީ ކޯލިޝަންގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ޒަހާ މަޖިލީހަށް ފޮނުވި ސިޓީއަކީ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައުމުން އެވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށް ތާރިގު ވިދާޅުވިއެވެ. ކޯލިޝަނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށާއި ނަމަވެސް އެކަން ވެރިކަމަށް އެއް އަހަރާއި ހަމަހާއި 14 ދުވަސް ވެގެން ދިޔައިރުވެސް ކޮށްދެވިފައި ނުވާ ކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.

"މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވިސްނުންފުޅު މިހުރީ އެބޭފުޅާ އަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ބޭފުޅާ ވީމަ އޭނާގެ މަގާމު ދިފާއު ކުރީމަ ދެން މި ކަޓުއޯފް ޓީމު ސަލާމަތްވާނެ. ކަޓޯފް ޓީމުގައި ހިމެނޭ، ހާއްސަކޮށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން މިނިސްޓަރު ކަމުގައި ހުންނެވީމަ ވެރިކަން ނުނިމޭނެ. ދެން މިގޮތަށް ގޮސް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން ހިފެހެއްޓީމަ ކޯލިޝަން ނުރޫޅޭނެ،" ތާރިގު މިފަދައިން ވިދާޅުވުމާއި އެކު ގާސިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.

ގާސިމް ވިދާޅުވީ ތާރިގު ވާހަކަދައްކަވަމުން ގެންދަވަނީ ހުށަހެޅިފައިވާ ކޮމެޓީ ރިޕޯޓަކަށް ނޫން ކަމަށެވެ. އެކަން މަޖިލީހުގެ ރިޔާސަތުން ނުހުއްޓުވާތީ ހިތްޕުޅާ ހަމަނުޖެހި ހުންނަވާ ގާސިމް ވަނީ މީހުންގެ އަބުރަށް އަރައިގަންނައިރު ވެސް މަޖިލީހުގެ ރިޔާސަތުން ހަމަ އިންނަވަނީ ކަމަށް ވިދާޅުވެފައެވެ.

"ޕީޕީއެމް ކަންތައް ކުރީ ކިހިނެއްތޯއޭ. ޕީޕީއެމް ކަންތައް ކުރި ގޮތުގެ ވާހަކަވެސް އަޅުގަނޑުމެން ދައްކާލަމާ ހިނގާބަލާށޭ. ބަލަ އެއްބަޔަކާ ދިމާލަށް އެއްޗެކޭ ކިޔަކަސް ނެތެއް ނޫންތޯ. ތިމާމެންގެ ފަހަތް އޮތީ ކިހިނެއްތޯވެސް ބަލާލަން ރަނގަޅު. އޭގެފަހުން އެހެން ވާހަކައެއް ދައްކަވަން ޖެހޭނީ. އަޅުގަނޑަށް ހީވަނީ ވަރަށް ހުތުރު ވާހަކައެއްހެން ތިޔަ ދައްކަވަނީ، ވަރަށް ހުތުރު ވާހަކައެއް ހެން،" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ނިޒާމީ ނުކުތާ ރިޔާސަތުން ވަނީ ބަލައިގެންފައެވެ. އަދި ތާރިގު ވަނީ އެފަދައިން ވާހަކަ ނުދައްކަވާނެ ކަމަށް ފަހުން ވިދާޅުވެފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ތާރިގު ވާހަކަ ދައްކަވަން ފެއްޓެވުމުންވެސް ގާސިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އެއީ ތާރިގުގެ ވާހަކަފުޅުގައި "ކޯލިޝަން ލީޑަރުން" އެ ލަފްޒު އައުމުންނެވެ. އަދި ވިދާޅުވީ އިތުރަށް ތާރިގަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ވެސް ދެއްވައިގެން ނުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *