މީޑިއާ ކައުންސިލްގެ އިލްތިމާސް: ނޫސްތަކުގެ އެޑިޓޯރިއަލް ޕޮލިސީ ހަރަދުނާކުރޭ!

މޯލްޑިވްސް މީޑިއާ ކައުންސިލް -

އެއް ލިޔުމެއް، އުނިއިތުރެއް ނެތި އޮންލައިން ތިން ނޫހަކަށް އެރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބަލައި ނިންމައި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ނޫސްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް އެ ކައުންސިލުން އާންމުކޮށްފިއެވެ.

އެއް ލިޔުމެއް ތަފާތު ތިން ނޫހެއްގައި އެކި ލިޔުންތެރިންގެ ނަމުގައި ޝާއިއުކޮށްފައިވާ މައްސަލަ ބަލާފައި ވަނީ އެމްއެމްސީގެ ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ. މައްސަލަ ބަލައި ނިންމާފައި ވަނީ އެ ލިޔުން ޝާއިއުކުރި "ރާއްޖެއެމްވީ" އާއި "ސީއެންއެމް" އާއި "ފެށުން"ގެ އެޑިޓޯރިއަލްގެ ބޭފުޅުންނާ ސުވާލުކޮށް، ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށްފަހުގައެވެ.

ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހަވާލާދީ، އެ ރިޕޯޓުގައި ބުނެފައި ވަނީ ޝާއިއުކުރާ އެއްޗެގައި އެހެން ފަރާތެއްގެ ފޮޓޯ، ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ނުވަތަ އެ ނޫން ވެސް އެފަދަ އެއްޗެއް ބޭނުން ކުރުާނަމަ، އެ އެއްޗަކީ ކޮންފަރާތެއްގެ އެއްޗެއްކަން އެ ޚަބަރަކުން ނުވަތަ އެ ރިޕޯޓަކުން އަންގައިދޭންވާނެ ކަމަށެވެ.

"ނަމަވެސް ފެށުން އޮންލައިން ނޫހަށް އެހެން ފަރާތަކުން ފޮނުވި ލިޔުމެއް، އެ ނޫހުން ޝާއިއުކޮށްފައި ވަނީ އެ ނޫހުގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން މިއީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ ހިލާފު ކަމެއް ކަމަށް މެމްބަރުންނަށް އިންތިފާގުވެވޭތީ މިފަދަ ކަމެއް ތަކުރާރު ނުކުރުމަސް އެ ނޫހަށް ނަސޭހަތް ދިނުމަށް ނިންމުނެވެ،" އެމްއެމްސީގެ ރިޕޯޓުގައިވެއެވެ.

ނަމަވެސް ރާއްޖެއެމްވީ އާއި ސީއެންއެމަށް ފިޔަވަޅު އަޅާނެ ތަނެއް ނެތް ކަމަށް ކޮމެޓީ މެމްބަރުންނަށް ގަބޫލު ކުރެވިފައިވާ ކަމަށް "ކޮވިޑް19 މީޑިއާ ވިލަރެސް ކޮމެޓީ"ގެ ރިޕޯޓުގައިވެއެވެ. އެ ދެ މީޑިއާއަށް ފިޔަވަޅު އަޅަން ނުފެންނަ ސަބަބު ދެ ނުކުތާއެއްގެ މައްޗަށް ރިޕޯޓުގައި ތަފްސީލުކޮށްދީފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތައުރީފުކޮށް، އެއް ލިޔުމެއް ތިން ނޫހަކަށް އެރި މައްސަލާގައި، އެފަދަ ކަމެއް ތަކުރާވިޔަ ނުދިނުމަށް ރިޕޯޓުގައި ފަސް ނުކުތާއެއް ހިމަނާފައިވެއެވެ.

ނޫސްތަކުގެ ސަމާލުކަމަށް އެމްއެމްސީން ގެނެސްފައިވާ ކަންތައްތައް

  • ވިއްކާލާފައިވާ އެޑްވަޓޯރިއަލްއެއް ޖަހާނަމަ، އެކަން ކިޔުންތެރިންނަށް އެނގޭނެ ގޮތް ހެދުން
  • އެޑިޓޯރިއަލް ޕޮލިސީތައް ހަރުދަނާކޮށް، އެޑްވަޓޯރިއަލް ޝާއިއުކުރާނެ އުސޫލު އެކުލަވާލުން
  • މީޑިއާގެ ހަމަތައް އަހަރަކު އެއް ފަހަރު މުރާޖާކޮށް، އާންމު ކުރުން
  • ކިޔުންތެރިންގެ ކިބައިން ނޫހަކުން މައާފަށް އެދެންޖެހޭނަމަ، އާންމުކޮށް އެކަން ކުރުން
  • ލިޔުމެއް ނޫހަކުން އަނބުރާ ނަގާނަމަ، އެކަން ކިޔުންތެރިންނަށް އެނގޭނެ ގޮތް ހެދުން

Leave a Reply

Your email address will not be published. Required fields are marked *