މިއީ ކޯލިޝަން ސަރުކާރެއް، އަޅުގަނޑުމެން ނުރޫޅޭނެ: ޔުމްނާ

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން: ފޮޓޯ / އަވަސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެނައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި މި ކޯލިޝަން ނުރޫޅޭނެ ކަމަށް ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ ނާއިބު ރައީސް އަދި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި އެކަމަނާގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ތެދުވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު އެ މަސައްކަތް ފަށާނީ ކޯލިޝަން ރޫޅުމުން ކަމަށް އެކަމަނާގެ ކޮއްކޯފުޅު އަދި ރައީސް މައުމޫންގެ ދަރިކަލުން އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެފައި ވަނިކޮށެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކޯލިޝަނަކުން ގެނައި ސަރުކާރެއް ކަމަށާއި މި ދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަނީ އެކުގައި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި ކޯލިޝަން ނުރޫޅޭނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވަނީ ސަންގު ޓީވީގައި ޔާމީންގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެއާއިއެކު އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ޣައްސާނަށް ފާޑު ވިދާޅުވެފައެވެ. ވައްޑެ ވިދާޅުވީ ޔާމީނަށް ނުހައްގުން، ސިޔާސީ ހުކުމެއް އިއްވި ނަމަ ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު، ފާރިސް މައުމޫން ވެސް އެކަން ފާހަގަކުރައްވާނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ އެތަން މިހާރުވެސް ފެންނަ ކަހަލަ ކަމަށެވެ. އަދި ސަރުކާރު ކޯލިޝަން ރޫޅުމާއި އެކު މައުމޫނާއި ފާރިޝް ވެސް ވަރަށް އަވަހަށް ޔާމީންގެ ދިފާއުގައި ނިކުންނަވާނެ ކަމަށެވެ. ޣައްސާން ވިދާޅުވީ ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުން ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ޔާމީންގެ އޮތީ ލޭގެ ކުޅުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ކޯލިޝަން ރޫޅޭނެ ފަދަ މޭރުމަކުން ޣައްސާން ވާހަކަދައްކަވާފައި މިވަނީ އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދުގެ އިސްތިއުފާ އަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ގޮވާލާފައި ވަނިކޮށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.