ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން ކޮވިޑް19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ މަރުވި މީހާއަކީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އުމުރުން 58 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 101 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 72 މީހުން އަދި އިންޑިޔާއަށް ނިސްބަތްވާ 21 މީހުންގެ އިތުރުން 8 ދިވެހިންނެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1773 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 453 މީހުން ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *